ކުރިއަށް އޮތް 2026 އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ކުރެވިފައިވާ ދެ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕޯސްޓުގައި ރައީސް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖޭގައި ރަނގަޅު އިގްތިސާދެއް ބިނާ ކުރުމަށްޓަކައި އަދާކުރަމުންދާ ދައުރުގެ އަގުވަޒަންކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، މޯލްޑިވްސް 2.0 ގެ ދަށުން ވިޔަފާރިތަކަށް ލިބޭ ފައިސާގެ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި، އިންފްރާސްޓްރަކްޗަރ އަދި، ދުނިޔޭގެ މާކެޓަށް ނިކުތުމަށް އޮންނަ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި ވިޔަފާރިތައް އިތުރަށް ފުޅާވެ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމުގެ މަގުތައް ފަހިކޮށްދެއްވަމުންދާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، ގޮންޖެހުންތަކަށް ކެތްތެރިވާ ފަދަ އިޤްތިޞާދެއް ބިނާކުރުމަށް އެ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކަކީ ނުހަނު އަގުހުރި މަސައްކަތްތަކެއް ކަމަށާ ސަގާފީ ތަރިކައާ ގުޅުންހުރި މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކާއި، އައު އީޖާދުތަކަށް ޚާއްޞަ “ކްރިއޭޓަރ ހަބް” އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ކުދި ވިޔަފާރިތަކަށް ޚާއްޞަ ޑިޖިޓަލް ފައިނޭންސިންގ ތަޢާރަފުކުރުމާއި، އަލީބާބާ އަދި ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ މަންސަތައް މެދުވެރިކޮށް ދުނިޔޭގެ ބާޒާރަށް ވަނުމުގެ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެސްއެމްއީ ވިޔަފާރިތައް ކުރިއެރުވުގެ މަސައްކަތަށް 2026 އާއި 2027 ވަނަ އަހަރު ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށްގެންދަވާނެކަމާއި، އެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެފަދަ އިގްތިސާދެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުންމަތީ ދެމިހުންނާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

