ދުންފަތާ މެދު ހޭލުންތެރިވެ، ނަފްސުތައް ސަލާމަތްކުރުމަށް އަޒުމު އައުކުރެއްވުމަށް ފަރސްޓު ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކު އަތޮޅު، މުލަކު ސްކޫލު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ފެށެނީ ދުންފަތާ ދުރުހެލިވުމުގެ ޚާއްޞަ ޤައުމީ ކެންޕޭނެއް ކަމަށާއި، މިއީ ނަތީޖާ ފެންނާނެ ހެޔޮ މަސައްކަތެއްކަމުގައެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އެކަމަށް ހިތްވަރުދޭ ގޮތަށް މަގުފަހިވެފައިވާ ކަންތައްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައި، މި ބޮޑު ޤައުމީ މައްސަލައިން ދިވެހި ޤައުމު ސަލާމަތްކުރުމަށް، ހުރިހާ ދިވެހީން އަތުގުޅާލުމަށް ގޮވާލައްވާފައެވެ. އަދި، ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. އަދި ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދަކީ ކޮންމެ ފަރާތަކުން ވެސް އާޢަޒުމަކާއެކު ފައްޓަވަންޖެހޭ ކަމެއްކަމުގައި އެކަމަނާ ގޮވާލެއްވިއެވެ.
ރަސްމިއްޔާތުގައި އެކަމަނާ ވަނީ، “އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ”ގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ. މި ކެމްޕޭނަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމުގައިވާ މެއި 31، 2026 ގައި އިޢުލާންކޮށްފައިވާ ކެމްޕެއިނެކެވެ.

