710 ހައުސިން ޔުނިޓް ބީއެމްއެލް ހައުސިންއަށް އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.
ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެ ވެސް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހަވާލުކުރި 3,260 ހައުސިން ޔުނިޓްގެ މަޝްރޫއުތަކުގެ ތެރެއަށް އިތުރު 710 ޔުނިޓް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވީ، ހޮނިހިރު ދުވަހު ޕްރެސަރ ވިތު ދަ ސްޕޮކްސް" ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު(މުންދު)އެވެ.
މުންދު ވިދާޅުވީ، ބީއެމްއެލްގެ ކެޕޭސިޓީ ހުރުމާއެކު މި ޔުނިޓްތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބީއެމްއެލްއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ފިޔަވައި، އެހެން ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި، ޑިޒައިންގެ ކުރެހުންތައް ނިމިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު މި މަޝްރޫއުތައް އޮތީ އަމަލީ މަސައްކަތް ފެށޭ މަރުހަލާއެއްގައި ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމަށް ބޭނުންވާ މިންވަރު ހާމަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުން ކުރިޔަށް ގެންދަނީ ދަރަނި ދެއްކުމާއި ތަރައްޤީގެ މަޝްރޫޢުތައް ބެލެންސްކޮށްގެން ކަމަށެވެ.
ހަމައެއާއެކު މާލީ އިދާރާތަކުން ދޭ ލަފާ ސަރުކާރުން ބަލައިގަންނަކަން ފާހަގަކުރައްވަމުން ތަރުޖަމާން ވިދާޅުވީ، ތަރައްގީގެ ދުވެލީގައި ކުރިއަށް ދާއިރު ރައްޔިތުން އެދޭ އަސާސީ ހިދުމަތްތައް ހުއްޓާލައިގެން ކުރިއަކަށް ނުދެވޭނެ ކަމަށެވެ. އަދި މާލިއްޔަތު ރަނގަޅު ކުރަމުން އިޤުތިޞާދު ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ފުރުސަތު ހޯދަންޖެހޭކަން އިސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން އަޅާ އަގުހެޔޮ ހައުސިން ޔުނިޓުތަކުގެ ކުލި އުޅޭނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެ ފުލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ހުރިހާ ކޮންޓްރެކްޓަރުން އެއްބަސްވެ މަސައްކަތްދަނީ ކުރަމުންނެވެ.

