ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)އިން ލަފާކުރައްވައިފިއެވެ.
މެޓް އޮފީހުން މޫސުމީ އަދާހަމަ ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މެދުރާއްޖެތެރެއާއި ރާއްޖޭގެ ދެކުނަށް މިއަދު ބޯކޮށް ވާރޭވެހި، ވައި ގަދަވެ ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރު އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ، މިއަދުގެ މެންދުރު 13:00 އާ ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ. އެ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެސް ވެއެވެ.
މިއަދުގެ އިރު އޮއްސި 18:00 އަށް މޫސުން ލަފާކޮށް މެޓުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
އަދި ވައި ޖެހޭ ބާރުމިނަށް ބަލާއިރު ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ހަމައެއާއެކު ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރިއެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ދެކުނުގެ ހިސާބުތަކުގައި ރާޅުތަކުގެ އުސްމިން ހަތަރު ފޫޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު މެދުރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކުގައި ރާޅުތަކުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓަށް އަރާނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖެއަށް ކުރަނީ ހުޅނަގު މޫސުމުގެ ވިއްސާރަ ކަމަށްވެސް މެޓުން ހާމަކުރައްވާފައިވެއެވެ.

