ދުންފަތް ކޮންޓްރޯލްކޮށް އަދާއި މާދަމާގެ ޖީލު ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅު އެޅީ މި ސަރުކާރުން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ގީލާ ވަނީ، މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނޭދެވޭ އާދަތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި މީގެ ކުރިން އެންމެ ބޭނުންވާ ވަރަށް ކާމިޔާބީ ނުލިބުމުގެ މާޔޫސްކަން އޮތް ނަމަވެސް، މިއަދު އެ ހާލަތު ބަދަލުވެފައިވާ ކަމަށް ގީލާ ވިދާޅުވިއެވެ.
ވޭޕް އެތެރެކޮށް ވިއްކުން މަނާކުރުމާއި "ޖެނެރޭޝަނަލް ބޭން" ތައާރަފްކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާ، ދުންފަތް ކޮންޓްރޯލްކޮށް އަދާއި މާދަމާގެ ޖީލު ރައްކާތެރިކުރުމަށް ހަރުދަނާ ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުތެރޭގައި ފަށާފައިވާއިރު، އެކަންކަން ﷲގެ ރަހުމަތުން ކާމިޔާބުވަމުންދާކަން ވެސް ގީލާ ފާހަގަކުރެއްވިއެވެ.

