މާލޭގެ މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރ އޮޔާދާ ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު، އޭގެ ތެރެއިން 2 ކޮންޓެއިނަރ މިހާރު ހޯދާފައިވާ ކަމަށް އެ މުވައްސަސާއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް، ހޮނިހިރު ދުވަހުގެރޭ 11:10 އެހައިކަންހާއިރު ރިޕޯޓުކުރުމާ އެކު އެ އިދާރާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
މި ހާދިސާގައި ޖުމުލަ ފަސް ކޮންޓޭނަރު މޫދަށް ވެއްޓިފައިވާއިރު، އޭގެ ތެރެއިން 2 ކޮންޓެއިނަރު ހޯދިފައިވީ ނަމަވެސް އަދިވެސް ތިން ކޮންޓޭނަރު ނުފެނި އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ބާކީ ތިން ކޮންޓޭނަރު ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނި ގޮތުގައި، މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދަށެވެ. މިއީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށް ވާތީ، ނުފެނި ހުރި ކޮންޓޭނަރުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެތީ ފުލުހުން ވަނީ، މާލޭ ސަރަހައްދުގައި، ޚާއްސަކޮށް ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދުން ދަތުރުކުރާ އުޅަނދުފަހަރުން ވަރަށް ބޮޑަށް ސަމާލުވެ، ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް އެދިފައެވެ.

