އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް (އެމްއެސްއެމްއީ ޑޭ) އާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަކީ ވިޔަފާރީގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ބައެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މި ދުވަހާ ގުޅިގެން ބޭއްވި ހަރަކާތްތައް ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިޤްތިޞާދީ ވުޒާރާ ގުޅިގެން ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި “އެމްއެސްއެމްއީ ފެސްޓް” ގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ. މި ފެސްޓިވަލްގައި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން 30 ސްޓޯލެއް ބަހައްޓާފައިވާއިރު، ވިޔަފާރި ފެށުމަށާއި ކުރިއަށްގެންދިއުމަށް ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް އާންމުންނަށް ވަނީ ފޯރުކޮށްދީފައެވެ.
ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި މި ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި ވިޔަފާރިތަކަށް ދެއްވާ އަހައްމިއްޔަތު ހާމަކޮށްދިނުމެވެ. ވަކިން ޚާއްސަކޮށް ޑިޖިޓަލް ޖާގަތަކުގައި ޒުވާނުންނަށް ހުރި ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.
“މީގެ ހުރިހާ މަސައްކަތެއްގޮސް މި ގުޅެނީ ރައީސުލްޖުމްހޫރިއްޔާގެ އެސްއެމްއީ ސަޕޯޓަށް. ވަކިން ޚާއްސަކޮށް ޑިޖިޓަލައިޒޭޝަންގެ ސްޕޭސްގައި ހިމެނޭ ކަންތައްތަކަށް. ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ފަހިވެގެންދިއުމަކީވެސް މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްދާ ކަމެއް،” ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ އެހެން ޕްލެޓްފޯމްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަންވެސް އޭނާ ހާމަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ދިވެހި ޒުވާނުން އުފައްދާ ތަކެތި ދުނިޔޭގެ ބާޒާރުގައި މާކެޓްކޮށް، އޭގެއިން މަންފާ ހޯދޭނެ މަގުތައް ފަހިކޮށްދިނުމެވެ. މިގޮތުން ޑިޖިޓަލައިޒޭޝަންގެ އެހީގައި ގްލޯބަލް އީ-ކޮމާސް ޕްލެޓްފޯމްތަކާ ދިވެހި ވިޔަފާރިތައް ގުޅުވައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ނިންމާލަމުން ވަޒީރު ވިދާޅުވީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތްތަކަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ޚިޔާލު ހުށަހެޅުމާއި މަޝްވަރާކުރުމުގެ އިތުރު ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ހުޅުވާލެވޭނެ ކަމަށެވެ.

