ރާއްޖޭގެ ތާރީހީ މުހިންމު ބިނާއެއް ކަމަށްވާ އުސްގެކޮޅު އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި، އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެ ބިނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.
މި ނިންމުން ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެތަނުގެ އަސްލު ގެއްލޭ ފަދަ އަމަލުތަކެއް ބަޔަކު ހިންގާފައިވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. މިއީ އެތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މާލޭ ސިޓީ ކައުންސިލަށް އިހުމާލުވެވިފައިވާ ކަމުގެ ހެއްކެއް ކަމަށް ސަރުކާރުން ދެކެއެވެ.
މުންދު ވިދާޅުވި ގޮތުގައި، އުސްގެކޮޅު ހިމެނޭ ސަރަހައްދުގައި ޒަމާނީ އިންޓަރެކްޓިވް މިއުޒިއަމެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަސައްކަތް ފެށުމަށްޓަކައި އެތަނުގެ ތަޅުދަނޑި ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލްގައި އެދޭތާ މިހާރު ދެ އަހަރު ދުވަސް ވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މުއްދަތުގެ ތެރޭގައި ތަޅުދަނޑި ހަވާލުކުރުމަށް ކައުންސިލުން އެއްބަސްވެފައިވީ ނަމަވެސް، އަމަލީ ގޮތުން އެކަން ކޮށްފައިނުވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭގޮތުން އެތައް ފަހަރަކު ފޯނުން މުއާމަލާތްކޮށް، ތަޅުދަނޑި ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތާރީހީ ބިނާތައް ހިމާޔަތްކުރުމަކީ ސަރުކާރުގެ އިސްކަމެއް ކަމަށްވާއިރު، އުސްގެކޮޅަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވައި، އެތަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ބެލުމުގެ ދަށަށް އެތަން ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

