ޞިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން މަދަނީ ޖަމުޢިއްޔާތަކަށް ހާއްސަ ގްރާންޓް ޕްރޮގްރާމަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" (އެސްޖީއައިއައި) މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ "މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2022-2026)" އާއި "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2025-2028)" ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ. މިގޮތުން މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭނެއެވެ.
އެހީ އަމާޒުކުރާ ދާއިރާތަކާއި މާލީ އެހީގެ މިންވަރު
މި އެހީ އަމާޒުކުރެވިފައިވަނީ މައިގަނޑު ދެ ދާއިރާއަކަށެވެ. ފުރަތަމަ ދާއިރާއަކީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާއެވެ. މި ދާއިރާ ޚާއްސަކުރެވިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށެވެ. މި ދާއިރާއިން ހިލޭ އެހީގެ ގޮތުގައި ދޫކުރާނެ އެންމެ މަތީ އަދަދަކީ 1,156,500 ރުފިޔާއެވެ.
ދެވަނަ ދާއިރާއަކީ އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއެވެ. މި ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތްކުރާ ޖަމިއްޔާއަކަށްވެސް ވަނީ ހުޅުވާލާފައެވެ. މި ދާއިރާއިން ހިލޭ އެހީގެ ގޮތުގައި ދޫކުރާނެ އެންމެ މަތީ އަދަދަކީ 925,000 ރުފިޔާއެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ގްރާންޓު ޕްރޮގްރާމުގެ ދަށުން އެހީ ދޫކުރެވޭނީ ޖަމުޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެ، އެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ހިންގަމުންދާ މަދަނީ ޖަމުޢިއްޔާތަކަށެވެ. އަދި ޕްރޮގްރާމްތައް ހިންގުމުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން އެހެނިހެން މަދަނީ ޖަމުޢިއްޔާތަކާ ގުޅިގެން ޕާޓްނަރޝިޕް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
މި ގްރާންޓަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 8ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. މި ޕްރޮގްރާމުގެ ސަބަބުން އިޖުތިމާއީ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ބޮޑު މާލީ އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

