އެފްރިކާގެ ގައުމުތަކުގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން “ހެލްތު ސެލްފް-ޑިކްލަރޭޝަން” ފޯމު އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް އެގައުމުން ހަމަޖައްސައިފިއެވެ. “އެއާ ސުވިދާ 2.0” ގެ ނަމުގައި ބުރާސްފަތި ދުވަހު ތައާރަފްކުރި މި ނިޒާމަކީ ބަލި މޮނިޓަކުރުމާއި ސަވައިލެންސް ވަރުގަދަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުވެރިން ފްލައިޓަށް އެރުމުގެ 24 ގަޑިއިރު ކުރިން މި ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ. މި ފޯމު ހުށަހެޅި ނަމަވެސް، މިހާރުވެސް އަމަލުކުރަމުންދާ އީ-އެރައިވަލް ކާޑު ނުވަތަ އިމިގްރޭޝަން ފޯމު ކުރިއެކޭވެސް އެއްގޮތަށް އޮންލައިންކޮށް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިންޑިއާއިން މި ފިޔަވަޅު އަޅާފައިވަނީ މެދުތެރޭ އެފްރިކާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) އިން ކަނޑައެޅުމާ ގުޅިގެންނެވެ. އެހެންކަމުން، އިންޑިއާއަށް އެތެރެވާ ކޮންމެ ގައުމެއްގެ މީހަކުވެސް، އަދި އިންޑިއާގެ ރައްޔިތުންވެސް މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަކީ މަޖުބޫރު ކަމެކެވެ.
މި ފޯމުގައި މައިގަނޑު ގޮތެއްގައި ފުރިހަމަކުރަންޖެހެނީ ތިން ކަމެކެވެ. އެއީ ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ގައުމުތަކާއި ތާރީހުތަކާއި، އެބޯލާ ފެތުރިފައިވާ ސަރަހައްދަކަށް ގޮސްފައިވޭތޯ ނުވަތަ އެފަދަ މާހައުލަކަށް ހުށަހެޅިފައިވޭތޯ ބެލުމުގެ އިތުރުން، ހުން އައުމާއި ގައިގައި ރިއްސުން ނުވަތަ ލޭއައުން ފަދަ ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމެވެ.
އިމިގްރޭޝަން މަރުހަލާ އަވަސްކުރުމަށްޓަކައި ވެބް ޗެކް-އިން ވާ ވަގުތު airsuvidha.civilaviation.gov.in ޕޯޓަލް މެދުވެރިކޮށް ފޯމު ފުރުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދުދެއެވެ. ފޯމު ހުށަހެޅުމަށްފަހު އެ ޑައުންލޯޑްކޮށް، އިންޑިއާއަށް އެތެރެވާއިރު ހެލްތު ޑެސްކަށް ނުވަތަ އިމިގްރޭޝަން ކައުންޓަރަށް ދައްކަން ޖެހޭނެއެވެ. މީގެ ސަބަބުން އެއާޕޯޓުގައި ކަރުދާސް ފޯމު ފުރަން ނުޖެހި، ކޮންޓެކްޓްވުމެއް ނެތި ހިދުމަތް ލިބޭނެއެވެ.
މި ޕޯޓަލްގެ ސަބަބުން ދަތުރުވެރިންގެ މައުލޫމާތު ވަގުތުން ވަގުތަށް ސިއްހީ އޮފިސަރުންނަށާއި އިމިގްރޭޝަނަށް ލިބިގެންދާނެއެވެ. މިއީ ބަލީގެ ނުރައްކާ އޮތް މީހުން އަވަހަށް ދެނެގަނެ، ބަލި ފެތުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އިންޑިއާ ސަރުކާރުން ގަބޫލުކުރެއެވެ.

