މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާން ބާކީ ދެ ދުވަހަށް ވެއްޖެއެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހެވެ.
މި ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި ފުރުސަތުތަކަކީ މެލޭޝިޔާގެ މަޝްހޫރު ޔުނިވާސިޓީތަކުން ތައުލީމު ހާސިލުކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތުތަކެކެވެ.
މި އަހަރު ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
- އެކައުންޓިން ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނާސް)
- ގާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީ (އެކި ދާއިރާތަކުން)
- އިގްތިސާދީ ދާއިރާއިން މާސްޓާސް ޑިގްރީ
- އިސްލާމިކް ފައިނޭންސް އަދި އެއާ ގުޅުން ހުރި ދާއިރާތަކުން ޕީއެޗްޑީ
އެމްއެމްއޭ އިން ވިދާޅުވި ގޮތުގައި ސްކޮލަޝިޕްތަކަށް މީހުން ހޮވުމުގައި ބަލާނީ ތައުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ މިންވަރަށެވެ. އަދި ސްކޮލަޝިޕް ކަަށަވަރުވާނީ ޔުނިވަސިޓީތަކުން އެޑްމިޝަން ކަށަވަރުވުމުން ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
މި ސްކޮލާޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ކޯހުގެ ޓިއުޝަން ފީއާއި ޔުނިވާސިޓީއަށް ދައްކަންޖެހޭ އެހެނިހެން ހުރިހާ ފީތަކެއް އެމްއެމްއޭއިން ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން، ކިޔަވަން ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ހަރަދާއި، ފޮތް ގަތުމަށް ދޭ އެލަވަންސް (ބުކް އެލަވަންސް) އާއި، އެސްޓެބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޑިޕާޗާ އެލަވަންސް ވެސް ލިބިގެންދާނެއެވެ.
މީގެ އިތުރުން ދަރިވަރުންގެ ވިސާ ހަރަދާއި ހެލްތު އިންޝުއަރެންސް ވެސް މި ސްކޮލާޝިޕްގެ ދަށުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް އެމްއެމްއޭއިން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.

