ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި، ގޫގުލް އިން އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމުކުރަން ނިންމާފައިވާ އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަންގެ މަސައްކަތްތައް މެނޭޖް ކުރާނެ ޓެކްނިކަލް ޕްރޮގްރާމް މެނޭޖަރުގެ މަގާމަށް ކުރިމަތިލާން އެ ކުންފުނިން ހުޅުވާލައިފިއެވެ.
ގޫގުލް އިން ނެރުނު އިއުލާނެއްގައިވާ ގޮތުން މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޭބަލް ލޭންޑިން ސްޓޭޝަން (ސީއެލްއެސް) އާއި އައުޓްސައިޑް ޕްލާންޓް އޮޕަރޭޝަންސް (އޯއެސްޕީ) ގާއިމްކުރުމުގެ އެންމެހާ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، ކަމާ ގުޅޭ ފަރާތްތަކުގެ މެދުގައި މުއާމަލާތްތައް ހިންގުމެވެ. މީގެ އިތުރުން ސަޕްލަޔަރުންނާއި މަސައްކަތަށް އުފައްދާ ކޮންސޯޓިއަމުން ކުރިއަށް ގެންދާ މަސައްކަތްތައް ބެލެހެއްޓުމަކީ ވެސް މެނޭޖަރުގެ ޒިންމާއެކެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި މެކޭނިކަލް، އިލެކްޓްރިކަލް ނުވަތަ އިންޑަސްޓްރިއަލް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެ ފެންވަރަށް މަސައްކަތުގެ ތަޖުރިބާ ހުންނަން ޖެހެއެވެ. އަދި ޕްރޮގްރާމް މެނޭޖްމަންޓް ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ އާއި އޮޕަރޭޝަނަލް ފެސިލިޓީތައް މެނޭޖް ކުރުމުގެ ތަޖުރިބާ ހުރުން ލާޒިމެވެ.
ކުރިމަތިލާ މީހުންގެ ތެރެއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، ސަބްމެރިން ކޭބަލް ސިސްޓަމްތައް އޮޕަރޭޓްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މީގެ އިތުރުން ބަޖެޓް މެނޭޖްމަންޓާއި އެގްރިމެންޓް ނެގޯސިއޭޝަން ފަދަ ހިންގުންތެރިކަމުގެ ހުނަރުތައް ހުރުމަކީ ވެސް މުހިންމު ކަމެކެވެ.
އައްޑޫގައި ގާއިމުކުރާ މި ސްޓޭޝަނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގޫގުލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެކެވެ. ގޫގުލްގެ “ދިވަރު” މަޝްރޫއަކީ ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށްވާ އުރީދޫ އާއި ދިރާގާ ވެސް ގުޅިގެން ކުރިއަށް ގެންދާ، ރާއްޖޭގެ ޑިޖިޓަލް ގުޅުންތަކަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއެކެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އިންވެސްޓްމަންޓުގެ ސަބަބުން ރާއްޖެއަކީ އޭޝިއާ، އެފްރިކާ އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށް ވެގެންދާނެއެވެ. އެތައް މިލިއަން ޑޮލަރެއްގެ މި އިންވެސްޓްމަންޓަކީ ހިންދު ކަނޑުގެ ސަރަހައްދުގައި ރާއްޖެ ޑިޖިޓަލް މަރުކަޒަކަށް ވެގެންދާނެ ކަމުގެ ހެއްކެކެވެ.

