ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ހަނދާނީ އައްޑަނައާއި ހަނދާނީ ރަން ފިލާ އަދި ހަނދާނީ ފިލާ މިރޭ އަރުވައިފިއެވެ. މި ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.
ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުން ފާހަގަކޮށް، ހަނދާނީ އައްޑަނަ ލިބުނު މުއައްސަސާތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އިންޑިއާ ހައި ކޮމިޝަން، ޖަޕާން އެމްބަސީ، ޗައިނާ އެމްބަސީ، އިނގިރޭސިވިލާތުގެ ހައި ކޮމިޝަން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް އަދި ޔޫއެންއޯޑީސީ ހިމެނެއެވެ.
މި ޖަލްސާގައި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކޮށް، އެމެރިކާގެ އެމްބަސީއަށް ވަނީ ހަނދާނީ ރަން ފިލާ އަރުވާފައެވެ. މިއީ މި ފަހަރުގެ ޖަލްސާގައި ރަން ފިލާ އެރުވި ހަމައެކަނި ފަރާތެވެ.
މީގެ އިތުރުން، ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ދައުލަތުގެ ބައެއް އިދާރާތަކަށާއި އަމިއްލަ ކުންފުނިތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިސްލާމިކް ބެންކް، ކްރިމިނަލް ކޯޓް، އޫރީދޫ މޯލްޑިވްސް، ޕީއެސްއެމް، އެމްޓީސީސީ އަދި ބެންކް އޮފް މޯލްޑިވްސް ހިމެނެއެވެ.
އިދާރާތަކުގެ އިތުރުން، އާންމު ފަރުދުންގެ ތެރެއިން ފުލުހުންގެ މަސައްކަތްތަކަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް ކ. ކާށިދޫ، މާވިނަ، އަލްފާޟިލް އަޙްމަދު ޔާސިރަށް ވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

