މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އިތުރަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ފުލުހުންގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނާ ވިދާޅުވީ، “އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަަމަކީ، ފުލުހުންގެ އެންމެހައި ހާލަތްތައް ރަނގަޅުކުރައްވައި އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރެއްވުމުގައި މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އަދި އެ ކަމުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ވަޒީރު މަސައްކަތްޕުޅު ކުރައްވާއިރު، ތިޔަ ބޭފުޅުންގެ އިހުސާސްތަކާއި ކަންބޮޑުުވުންތައް ސަރުކާރާ ހިއްސާކުރުމުގައި އަޅުގަނޑު ދީލަތިވާނެކަން.”
މީގެ އިތުރުން، ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ އިތުރުން މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި ވަސީލަތްތައް ހޯދުމުގައި ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތްޕުޅު ކުރައްވާ ކަމަށް ކޮމިޝަނާ ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ޖަލްސާ ނިންމަވާލައްވަމުން ކޮމިޝަނާ ވަނީ 2004 ވަނަ އަހަރު ޒަމާނީ ފުލުހުންގެ މުއައްސަސާ ވުޖޫދުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، ބުރިގޭޑިއާ ރިޓަޔާޑް އާދަމް ޒާހިރާއި، އެކި ދުވަސްވަރު ކޮމިޝަނާގެ މަގާމު އަދާކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

