ވެނެޒުއޭލާއަށް ދާދިފަހުން އައި ބާރުގަދަ ބިންހެލުންތަކުގައި ބިމާހަމަވި އިމާރާތެއްގެ ދަށުގައި 32 ގަޑިއިރު ވަންދެން ތާށިވެފައި އޮތް 18 ދުވަސްވީ ތުއްތު ކުއްޖަކު ސަލާމަތުން ނެރެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ކަރަކަސްގެ އުތުރުގައި އޮންނަ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ލާ ގުއައިރާގައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި މީހުން ސަލާމަތްކުރާ ފަރާތްތަކުން ބުރަ މަސައްކަތްތަކެއް ކޮށްގެން އެ ކުއްޖާ ނެރުނު ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ވަނީ އުފާފާޅުކޮށްފައެވެ. ކުއްޖާ ސަލާމަތްކުރުމަށްފަހު ވަނީ ފޮތިގަނޑަކަށް އޮޅާލައި، ކުއްޖާގެ ހަށިގަނޑުގައި ހުރި ހިރަފުސްތައް މަޑު ފޮތިކޮޅަކުން ސާފުކޮށްފައެވެ.
މި ހާދިސާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، 32 ގަޑިއިރު ވަންދެން އިމާރާތުގެ ގައުތަކުގެ ދަށުގައި އޮތްއިރުވެސް އެ ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވުމެވެ. ކުއްޖާ ސަލާމަތްކުރިތާ ގަޑިއެއްހާއިރު ފަހުން އެ ކުއްޖާގެ މަންމަވެސް ވަނީ ދިރިހުއްޓާ ސަލާމަތްކޮށްފައެވެ. ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި ކުއްޖާ ސަލާމަތްވީ، މަންމަގެ ހަށިގަނޑުން ނުވަތަ އެހެން އެއްޗަކުން ކުއްޖާ ނިވާކޮށްގެން އޮތުމުގެ ސަބަބުންނެވެ.
ވެނެޒުއޭލާއަށް މިދިޔަ ބުދަ ދުވަހު އައި 7.2 އަދި 7.5 މެގްނިޓިއުޑްގެ ދެ ބިންހެލުމުގައި މިހާތަނަށް 920 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކަށް އަނިޔާވެފައިވާއިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ މެދުކެނޑުމެއްނެތި ކުރިއަށެވެ.

