ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ގޯލުން ދެކުނު އެފްރިކާ 1-0 އިން ބަލިކޮށް، މުބާރާތުގެ ކޯ ހޯސްޓް ކެނެޑާ އިން ގަދަ 32 އަށް ދަތުރުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
މިއީ ކެނެޑާ އާއި ދެކުނު އެފްރިކާ ވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި، ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އެމެރިކާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ދިޔައީ ދެ ޓީމު ވަރަށް ހަމަހަމަކޮށެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު ފަސް މިނިޓުގައި ކެނެޑާ އިން ވަނީ ދެކުނު އެފްރިކާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން 44 ވަނަ މިނިޓުގައި ނެގި ކޯނަރަކުން މޮއީސޭ ބޮމްބީޓޯ ބޮލުން ފޮނުވާލި ހަމަލާ، އެފްރިކާގެ ޑިފެންޑަރު އައުބްރޭ މޮޑީބާ ގޯލު ލައިން މަތިން ދިފާއު ކުރި އިރު، ރީބައުންސް ބޯޅަ ޓަޔޯން ބުޗްނާން ފޮނުވާލުމުން ކީޕަރު ރޮންވެން ވިލިއަމްސް ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، ދެކުނު އެފްރިކާގެ ކުލީސޯ މުޑާއޫ، ކެނެޑާގެ ރިޗީ ލާޔެއާ އަށް ފައުލް ކުރި ކަމަށް ބަލައި ރެފްރީ ޕެނަލްޓީއެއް ދޭން ފުރަތަމަ ނިންމި ނަމަވެސް، ވީއޭއާރު ރިވިއު އަށް ފަހު ވަނީ އެ ނިންމުން ބަދަލު ކޮށްފަ އެވެ.
ދެވަނަ ހާފުގައި ކެނެޑާ އިން ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް އުފެއްދިއެވެ. މެޗުގެ 65 ވަނަ މިނިޓުގައި ކެނެޑާގެ ތާނީ އޮލުވަސޭޔީ އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ އެފްރިކާގެ ކީޕަރު ވިލިއަމްސް ދިފާއު ކުރިއިރު، ޖޮނަތަން ޑޭވިޑް ބޯޅައަށް އެރުމުގެ ކުރިން އެފްރިކާގެ ޑިފެންޑަރު އެމްބެކެޒޭލީ އެމްބޮކާޒީ ވަނީ ނުރައްކަލުން ސަލާމަތް ކޮށްފަ އެވެ.
މި މެޗުގައި ކެނެޑާގެ ސަޕޯޓަރުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަނިޔާގެ ސަބަބުން މި މުބާރާތުގައި އަދި މެޗެއް ނުކުޅެވި ހުރި ކެޕްޓަން އަލްފޮންސޯ ޑޭވިސް މެޗުގެ ފަހު 15 މިނިޓަށް ކުޅެން އެރުމެވެ. އުމުރުން 25 އަހަރުގެ ޑޭވިސް އަކީ މި އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އެންމެ ޒުވާން ކެޕްޓަނެވެ. އޭނާ ކުޅެން ނުކުތުމާއެކު ކެނެޑާގެ އެޓޭކުތައް ވަރުގަދަވެގެން ދިޔައެވެ.
މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ އިތުރު ވަގުތުގެ ފަސް މިނިޓުގެ ތެރެއިން ދެވަނަ މިނިޓުގައެވެ. މި ލަނޑު ކެނެޑާ އަށް ކާމިޔާބު ކޮށްދިނީ ޑޭވިސް ނެތި ޓީމު ލީޑު ކުރި ކެޕްޓަން ސްޓެފަން ޔޫސްޓޭކިއޯ އެވެ. އޭނާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ކޯ ހޯސްޓެއް ގައުމުން ބޭރުގައި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތް ތިން ގައުމެއްގައި (އެމެރިކާ، ކެނެޑާ، މެކްސިކޯ) ބާއްވާއިރު، ގަދަ 32 ޓީމުގެ ބުރުގެ 16 މެޗުގެ ތެރެއިން 12 މެޗު ކުޅެނީ އެމެރިކާގަ އެވެ. ކެނެޑާ އަށް ގްރޫޕްގެ އެއްވަނަ ނުލިބުމުން އަމިއްލަ ފަސްގަނޑުގައި ނޮކައުޓް ބުރު ކުޅުމުގެ ފުރުސަތު ގެއްލުނު ނަމަވެސް، އެމެރިކާގެ ހިއުސްޓެންގައި ކުޅޭ ގަދަ 16 ގެ މެޗުގައި ކެނެޑާ ބައްދަލު ކުރާނީ ނެދަލެންޑްސް އާއި މޮރޮކޯ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.

