ހުޅުމާލެ ހޮސްޕިޓަލުގައި އާންމުކޮށް ބޭނުންވާ ނާސިންގެ ފަރުވާތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި، އައުޓްޕޭޝަންޓް ނާސިންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. މި ޚިދުމަތަކީ ބަލިމީހުން ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، ދުވަހުން ދުވަހަށް ބޭނުންވާ މުހިންމު ނާސިން ފަރުވާތައް އެއް ފުރާޅެއްގެ ދަށުން އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެށި ޚިދުމަތެކެވެ.
ލިބިގެންދާނެ މުހިންމު ޚިދުމަތްތައް
އައުޓްޕޭޝަންޓް ނާސިން ސާވިސަސްގެ ދަށުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އިންޖެކްޝަން ޖެހުމާއި ބޭސްއެޅުން
- އާވި އަރުވައިދިނުން (Nebulization)
- ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުން
- ހަކުރު ބަލައިދިނުން
- ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ޚިދުމަތް
ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ އެ ހޮސްޕިޓަލުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް، ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި އަޅާލުމާ އޯގާތެރިކަމާއެކު ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ފޯރުކޮށްދިނުމަކީ އެ ހޮސްޕިޓަލުގެ މައިގަނޑު މަގުސަދެއް ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކުރައްވާފައެވެ.

