އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި މުޙައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މި ނަން މަޖިލީހަށް ފޮނުއްވާފައިވަނީ އެ ކޮމިޝަނުގެ ރައީސްގެ މަޤާމު ހުސްވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު، ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޤާނޫނުގައިވާ ގޮތުން ކޮމިޝަނުގެ ރައީސަކު އައްޔަން ކުރެވޭނީ ކޮމިޝަނަށް ކަނޑައަޅާފައިވާ ޖުމްލަ 5 މެންބަރުން ހަމަވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ޝަކީލް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
ޝަކީލް ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މިހާރު ވަނީ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ޝަކީލަށް އެ މަޤާމަށް އައްޔަން ކުރެވޭނީ ކޮމިޓީން ރުހުން ދިނުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އެކަން ފާސްވުމުންނެވެ.
މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގައި މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާއިރު، އޭގެ ކުރިން ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އޭނާ އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، ޢަބްދުލްޙަސީބް އިސްމާޢީލް، އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲ އަދި މުޙައްމަދު ޝަކީލެވެ.

