ފާއިތުވީ ނޮވެމްބަރ މަހު ދައުލަތުގެ އާމްދަނީ އަންދާޒާ ކުރި އަދަދަށްވުރެ 51.8 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާލާއިރު މިދިޔަމަހު އެ އިދާރާ އިން ވަނީ އާމްދަނީގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ ބަލައިގެންފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެން 168.4 ޕަސެންޓުގެ އިތުރު އާމްދަނީއެއް ކަމަށް މީރާއިން ހާމަކުރިއެވެ.
އެގޮތުން ބަލާލާއިރު މިދިޔަ މަހު އާމްދަނީ އިތުރުވީ އިންކަމް ޓެކްސް އާއި ޓޫރިޒަމް ބިމު ކުއްޔާއި ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް އިތުރުވުމުގެ ސަބަބުންނެވެ. ހަމައެހެންމެ ލީސް އެކްސްޓެންޝަން ފީ ވެސް މީރާއަށް ވަނީ ނޮވެމްބަރު މަހު ލިބިފައެވެ.
ޖީއެސްޓީގެ ގޮތުގައި 773.23 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު އިންކަމް ޓެކްސްގެ ގޮތުގައި 80.99 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ލީސް އެކްސްޓެންޝަންގެ ގޮތުގައި 76.60 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެހެންކަމުން މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 51.31 މިލިއަން ޑޮލަރު ހިމެނޭ ކަމަށް މީރާއިން ހާމަކޮށްފިއެވެ.
މީރާގެ ރިޕޯޓްތަކުގައި ބުނާގޮތުން ގްރީން ޓެކްސް އާއި އެއާޕޯޓް ޓެކްސް އިތުރުވީ މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމުންނެވެ. މިދިޔައަހަރު އޮކްޓޯބަރ މަހާއި އަޅާބަލާއިރު މިއަހަރު އޮކްޓޯބަރު މަހު ވަނީ ހަތްގުނަ އިތުރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

