މީގެ ކުރީގެ ސަރުކާރުތަކާ ހިލާފަށް، މި ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް އެއްކޮށް ނިންމައި، އެ ތަންތަނަށް ރައްޔިތުން އާބާދުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މީގެ ކުރިން ވެރިކަމުގެ ދައުރެއްގެ ތެރޭގައި މަޝްރޫއުތައް ނިންމައި މީހުން ވެއްދިފައި ނުވާ ކަމަށާއި، އެ އާދަ ބަދަލުކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ 13 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހިންގާ ހައުސިން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެޑްވާންސް ޕޭމަންޓްތައް މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ކުރިއަށްދާ މަޝްރޫއުތަކުގެ ފައުންޑޭޝަން އެޅުމުގެ ކޮންކްރީޓް މަސައްކަތްތައް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
“އަޅުގަނޑުމެން މި މަސައްްކަތް ކުރަނީ މި ސަރުކާރުން މީގެ ކުރިން ނުވެ އޮތް ކަމެއް ކުރަން، އެއީ މީގެ ކުރިން، އެއްވެސް ސަރުކާރަކަށް ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިން ޕްރޮޖެކްޓްތައް ނިންމައި، އެ ފްލެޓްތަކަށް ނޫނީ އެ ހައުސިން ޔުނިޓްތަކަށް މީހުން ވެއްދިފައެއް ނެތް… މި ބަލަނީ އެކަން ބަދަލު ކުރެވޭތޯ،” ރައީސް ވިދާޅުވިއެވެ.
ހައުސިން މަޝްރޫއުތައް ފުޅާކުރުމަށްޓަކައި އިންޑިއާ އާއި ޗައިނާއާ އެކު މަޝްވަރާ ކުރެވެމުންދާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށާފައިވާ ކަމަށާއި، އާ ފައިނޭންޝިއަލް މޮޑެލްތަކެއްގެ ދަށުން ކުންފުނިތަކާ އެކު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ރައީސް ލަފާކުރައްވާ ގޮތުގައި 2028 ވަނަ އަހަރުގެ މެދާ ހަމައަށް ދާއިރު ގިނަ މަޝްރޫއުތަކެއް ނިމި، ބައެއް ރަށްރަށުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެތަނުން ގޯތި ލިބޭ ފަރާތްތަކަށް މި ދައުރުގެ ތެރޭގައި ގޯތި ހަވާލުކޮށް، އެތަންތަން ތަރައްގީކޮށް އުޅެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކާއި ގޯތިތަކުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
ގެދޮރުވެރިކަމުގެ ވައުދުގެ ދަށުން، އެފޯޑަބަލް ހައުސިން ލޯން ސްކީމްތައް މިއަހަރުވެސް ހުޅުވާލާނެ ކަމަށާއި، ހައުސިން ޓްރަސްޓް ފަންޑު ބޮޑުކޮށް އިކުއިޓީ ފައިނޭންސް ދޫކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން އަމިއްލަ ގޯތީގައި އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ބޭންކުތަކުން ފަސޭހައިން ފައިނޭންސް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

