އަމިއްލަ ބިންތަކުގައި ގެދޮރު ބިނާކުރުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ، ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގެދޮރުވެރިކަމުގެ ވައުދުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް މާލެއާއި އަތޮޅުތެރޭގައި ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް 13 ރަށެއްގައި ހިންގާ ހައުސިން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، މާލޭގައި ބިނާކުރާ ފްލެޓްތަކުގެ މަސައްކަތް އަންނަ ޖުލައި މަހު ފެށޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ގުޅިގެން އައު ފައިނޭންސިން މޮޑެލްތަކެއްގެ ދަށުން މަސައްކަތްތައް ފެށުމަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުހަލާގައި އޮތްކަންވެސް ހާމަކުރެއްވިއެވެ.
ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން އެންމެ މުހިންމު އެއް ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ހައުސިން ޓްރަސްޓް ފަންޑު އިތުރަށް ފުޅާކޮށް، އެ ފަންޑަށް ފައިސާ އިތުރުކުރުމެވެ. މި ބަދަލާއެކު، ބޭންކުތަކުން ލޯނު ނެގުމުގައި އާންމުންނަށް ދިމާވާ އެންމެ ބޮޑު ހުރަސް ކަމަށްވާ އިކުއިޓީ ދެއްކުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެން މަސައްކަތްކުރަނީ ފަންޑު ބޮޑުކޮށްގެން މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ލިބޭ ޖާގައިންނާ އެކީގައި އަދި މި އަހަރު ތެރޭގައިވެސް މަސައްކަތްކުރާނަން އިކުއިޓީ ފައިނޭންސް ދެވޭ ގޮތަށް،” ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ފަންޑުގެ އެހީގައި އިކުއިޓީ ހަމަޖެހުމުން، އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށް ބޭންކު މެދުވެރިކޮށް ފައިސާ ހޯދުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށެވެ.
މި ނިންމުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

