ރ. އަލިފުށީގައި ތަރައްގީކުރަމުންދާ އެއާޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެއްކޮށް ނިންމަވައި، އެ ތަންތަނުން ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަލިފުއްޓަކީ ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން ވަރަށް މުހިންމު އިސްތިރާޖީ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެ ރަށުގައި ކުރިއަށްދާ އެއާޕޯޓާއި ހޮސްޕިޓަލްގެ މަޝްރޫއަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުތައް ކުރިއަށްދާ ދުވެއްޔާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބައެއް ދަތިތަކާ ހުރެ މަސައްކަތްތައް އެންމެ އެދެވޭ ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، އެ މަސައްކަތް ކުރާ އެމްޓީސީސީއަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ ސަބަބުން މަސައްކަތަށް ބޭނުންވާ ތަކެތި ހޯދައި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ބާރުސްޕީޑުގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މާ ލަސްތަކެއް ނުވެ، އެމްޓީސީސީގެ ފަރާތުން، އެ ޕްރޮޖެކްޓުގެ މަސައްކަތް، ތަކެތި ހޯދައިގެން އަރުވާފައި އަވަހަށް ފައްޓާނެ، މި ދެ މަޝްރޫއު މި ދައުރު ތެރޭގައި ނިންމާފައި ހުޅުވާނަން،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ސިއްހީ ދާއިރާގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ނިންމުމަށް ހާއްސަ ތާވަލެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ބައެއް މަޝްރޫއުތައް އަންނަ އަހަރުގެ އެކި މުއްދަތުތަކަށް ނިންމުމަށް ކަނޑައަޅާފައިވާއިރު، 50 އެނދުގެ ބޮޑެތި ހޮސްޕިޓަލްތައް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

