ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ދަށްކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ. ބިލުގެ އިބުތިދާއީ ބަހުސަށްފަހު މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށްދިޔަ ދިރާސާތަކަށްފަހު، ބިލު އޮތްގޮތަށް ފާސްކުރުމަށް ނިންމީ 69 މެންބަރުންގެ ވޯޓުންނެވެ.
މި އިސްލާހުގައިވާ ގޮތުން، މިހާރު 8 ރުފިޔާ ނަގަމުންދާ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކުރުމަށާއި، ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ހިމަނާފައެވެ.
މި ބިލުގެ އަނެއް މުހިންމު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޭނުންކުރާ ވަސީލަތްތައް ލިބުން ފަސޭހަކޮށްދިނުމެވެ. އެގޮތުން، ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީ މާފުކުރުމަށް މި އިސްލާހުގައި ހިމަނާފައިވެއެވެ.
މި ބިލު މަޖިލީހުގެ ތަޅުމުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކަމާގުޅޭ ގަވާއިދުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

