ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާތަކެއް ދުނިޔޭގެ މަޝްހޫރު ބޭންކެއް ކަމަށްވާ ޖޭޕީ މޯގަންއަށް ވިއްކާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑީބީއެމްއާ ގުޅޭގޮތުން ފެތުރެމުންދާ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން އެމަނިކުފާނު ވަނީ ސާފުކޮށްދެއްވާފައެވެ.
މި މައުޟޫއުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، “ވަރަށް ބޮޑަށް މި ހުންނަނީ ގޮސިޕް، ވަރަށް ބޮޑަށް މި ފެތުރިފައި، ވަރަށް ބޮޑަށް އުފާ ކުރަން ނޫސްވެރިން އެކަންކަން ސާފް ކުރަން ސުވާލު ކުރައްވާތީ،” ކަމަށެވެ. މި ބޭންކު ހިންގުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އަމާޒުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓް ކުރުމަށް އުފެއްދި މުއައްސަސާއެކެވެ. މި ބޭންކުގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރޭގައި ބޭރު ފައިސާ ހިފެހެއްޓުމަށް ބާރުއެޅުމެވެ.
މީގެ އިތުރުން، މި ބޭންކު މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތަކުގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުން ހިމެނެއެވެ.
މި ބޭންކުގެ މަސައްކަތްތައް ފެށުމާއެކު، ރާއްޖޭގެ އިގްތިސާދަށް އައު ދިރުމެއް ލިބި، ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

