ދިވެހި އުފެއްދުންތެރިންގެ ފަންނީ މަސައްކަތްތަކާއި ވިޝުއަލް ކޮންޓެންޓް އެއްތަނަކުން ލިބޭނެ ގައުމީ ޑިޖިޓަލް މާކެޓްޕްލޭސް “ކްރިއެޓޯލް” ވިޒިޓް މޯލްޑިވްސްއިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ޕީއެސްއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދާއި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީއެވެ.
މި ޕްލެޓްފޯމަކީ ރާއްޖޭގެ އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި، މީޑިއާ އަދި ސަރުކާރުގެ އިދާރާތައް އެއް ވިއުގައަކުން ގުޅުވާލަދޭނެ ވަސީލަތެކެވެ. މީގެ ސަބަބުން ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި ހޯދުމުގައި މިހާރު އޮތް މެނުއަލް ނިޒާމު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، މިފަދަ ޕްލެޓްފޯމެއްގެ ސަބަބުން ރާއްޖެ އިޝްތިހާރުކުރަން ބޭނުންވާ ކޮންޓެންޓް ފަސޭހައިން ލިބިގެންދާނެ ކަމަށެވެ. “މި ކޮންޓެންޓް ހޯދާއިރު ކޮންޓެންޓް ކްރިއޭޓަރުންނަށްވެސް ފައިދާވާނީ ކިހިނެތް މިކަން ކުރިއްޔާތޯ ވިސްނުނު. އެއިރުވެސް ވިސްނުނީ މާކެޓް ޕްލޭސްއެއް ތައްޔާރުކުރާނީއޭ ވިޒިޓް މޯލްޑިވްސް ފަރާތުން އޭގެ ފައިދާ ކޮންޓެންޓް ކްރިއޭޓަރުންނަށްވެސް ލިބޭގޮތައް،” ޝިއުރީ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނޭ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، ޕީއެސްއެމްގެ 50 އަހަރުވީ ޑިޖިޓަލް އާކައިވްގެ ތެރެއިން ހޮވާލެވޭ މެޓީރިއަލްތައް މި ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއީ އާންމުކޮށް އެންމެންނަށް ލިބެން ނުހުންނަ މުހިންމު ތާރީޚީ އަދި ފަންނީ އުފެއްދުންތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކްރިއެޓޯލް މެދުވެރިކޮށް އުފެއްދުންތެރިންނަށް އަމިއްލަ ޕްރޮޕައިލް ހަދައި، އެމީހުންގެ މަސައްކަތްތަކަށް އަގު ކަނޑައަޅައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން، ކްލަޔަންޓުންނަށް ހިލޭ ލިބޭ ކޮންޓެންޓާއި ލައިސަންސް ގަނެގެން ބޭނުންކުރެވޭނެ އުފެއްދުންތައް މި މާކެޓްޕްލޭސްއިން ލިބެން ހުންނާނެއެވެ.
ވިޒިޓް މޯލްޑިވްސްއިން ދެކޭގޮތުގައި މިއީ ހަމައެކަނި ވިޔަފާރި މުއާމަލާތް ކުރާ ތަނެއް ނޫނެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރި އިގްތިސާދު ނުވަތަ “ކްރިއޭޓިވް އިކޮނޮމީ” ކުރިއަރުވައި، ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި އައު ދޮރުތަކެއް ހުޅުވައިދޭނެ މުހިންމު ފެށުމެކެވެ.

