ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބާރުސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި ރައީސުލްޖުމްހުރިއްޔާގެ ލަފާފުޅާ އިރުޝާދުގެ ދަށުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މިގޮތަށް ހަމަ ޖެއްސީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ބައްދަލުވުމުގައި ވަނީ، ސަރުކާރުން ޢާންމުންނަށް ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށާއި ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.
އޭގެތެރެއިން އެއް ކަމަކީ، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުންކުރާ “ދުވެލި” ޕޯޓަލާއި ފިނޭންސް މިނިސްޓްރީން ހާދަފައިވާ “ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ސިސްޓަމް” ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުމެވެ. އަދި، އެ ޕޯޓަލްތައް ވަގުތުން ވަގުތަށް އަދާހަމަ ކުރުމަށް އެ މަޖިލީހުގައި ނިންމަވާފައިވެއެވެ. އަދި އޭގެ ފަހުން ކޮންމެ ވަގުތަކުވެސް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ސިސްޓަމްތަކުން ފެންނާނެހެން ވަގުތުން ވަގުތަށް އަދާހަމަކުރައްވަމުން ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.
މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ފަންނީ އަދި އިދާރީ ޙައްލު ހޯދައިދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގައި ޚާއްޞަ ޓީމެއް ގާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ކޮންމެ ވުޒާރާއެއްގައިވެސް އެ ވުޒާރާއަކުން ކުރިއަށްގެންދާ މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް ކޮންމެ މިނިސްޓްރީއެއްގައި ގާއިމުކުރުމަށް ވަނީ ނިންމަވަފާއެވެ.
ވަޒީރުންގެ މަޖިލީހުގައި ވަނީ، ހައުސިން މިނިސްޓްރީން ހިންގާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމުމަށްޓަކައި، އެ މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީއާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ފާސްކޮށްފައެވެ.
އެއާއެކު، އަންނަ އަހަރުގެ ޖަނަވަރީ ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގައިން ގުޅާލުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ނިންމެވިއެވެ.
ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރައްވައި، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްގީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުންކަމުގައި ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ނިންމެވި މި ނިންމެވުންތަކުގެ މައިގަނޑު މަގުސަދަކީ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ގާތުން ބަލައި، ދިމާވާ ދަތިތަކަށް އަވަސް ޙައްލެއް ހޯދުމެވެ.

