އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އެމެރިކާއާ އިޒްރޭލުގެ ހަމަލާތަކަކުން ލިބިވަޑައިގެންނެވި ޒަޚަމްތަކުގައި ޚާމަނާއީ އަވަހާރަވި ނަމަވެސް ހަނގުރާމައިގެ ސަބަބުން ޖަނާޒާ ނުބޭއްވި ވަނީ ދިގުލައިގެން ގޮސްފައެވެ. ކުރިން މާޗު މަހު ބާއްވަން ނިންމި ޖަނާޒާގެ ކަންކަންކުރިއަށް ނުގޮސް މަޑުޖެހިފައިވާއިރު، އީރާނުގެ ސަރުކާރުން މިހާރު ތާވަލުކޮށްފައިވާ ގޮތުން، ރަސްމީ އިއްޒަތުގައި ބާއްވާ މި ބޮޑު ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ފަށާނެއެވެ. އަދި އާޔަތުﷲ އަލީ ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު ބާއްވާ ބޮޑު ރަސްމިއްޔާތެއްގައެވެ.
މި ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ވެސް ވަނީ ދައުވަތު ލިބިފައެވެ. މިކަމާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ވިދާލުވެފައިވަނީ، އެ ދައުވަތު ރާއްޖެއިން ގަބޫލުކޮށްފައިވާ ކަމަށާއި، ރާއްޖޭގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ މަންދޫބަކު ފޮނުއްވާނެ ކަމަށެވެ.
ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތަށް ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނަށާއި، ހާއްސަކޮށް އިސްލާމީ ގައުމުތަކަށް ވަނީ ދައުވަތު ފޮނުވާފައިވާއިރު، މި ޖަނާޒާއަކީ ދުނިޔޭގެ ތާރީޚުގައިވެސް ރެކޯޑް އަދަދަކަށް މީހުން ބައިވެރިވާނެ ޖަނާޒާއަކަށް ވާނެ ކަމަށް ބެލެވެއެވެ.

