ބ. ތުޅާދޫގައި އެކުންފުނިން އަޅަމުންދާ ސަޤާފީ މަރުކަޒުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތައް ޖެހުމުގެ މަސައްކަތްތަކެވެ. އަދި މައިގަނޑު އިމާރާތުގެ ފުޓިންގް ކާސްޓިންގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.
މިތަން ނިމުމުން މި މަރުކަޒުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތާއި، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ ހުނަރުވެރި ފަންނުތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގާނެއެވެ.
މި މަސައްކަތަކީ، ދިވެހިރާއްޖޭގައި ފަންނީ އިޤްތިޞާދެއް ޤާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި ތަޞައްވުރުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ވުޒާރާއިން ފާހަގަކުރިއެވެ.
މި މަޝްރޫއަކީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މަސައްކަތުގެ އެއްބަސްވުން ޤާއިމުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި އެއަތޮޅު ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 420 ދުވަސްތެރޭ ނިންމާގޮތަށެވެ. އަދި ހަވާލުކޮށްފައިވަނި 24.4 މިލިޔަން ރުފިޔާއަށެވެ.

