ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި، ނެދަލޭންޑްސް އަތުން ޕެނަލްޓީ ޖަހައިގެން 3-2 އިން މޮރޮކޯ މޮޅުވެއްޖެއެވެ. މިއީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ނެދަލޭންޑްސް ޕެނަލްޓީ ޝޫޓްއައުޓަކުން ބަލިވެ، މުބާރާތާ ވަކިވާންޖެހުނު ފަހަރެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. މޮރޮކޯގެ މި ކާމިޔާބީގެ ބަތަލަކީ ޕެނަލްޓީތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު ޔާސީން ބޫނޫއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުގެ ގޯލްކީޕަރުންވެސް ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. ނެދަލޭންޑްސްގެ ކީޕަރު ބާޓް ވާބްރުގެން، މޮރޮކޯގެ އަޝްރަފް ހަކީމީ އާއި ނީލް އެލް އައިނައުއީ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއުކުރިއިރު، މޮރޮކޯގެ ބޫނޫ ވަނީ ނެދަލޭންޑްސްގެ މުކީ ވެން ޑި ވެން ފޮނުވާލި ބާރު ހަމަލާއެއް ހުއްޓުވާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނެދަލޭންޑްސްއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވައުޓް ވެގްހޯސްޓް ބޮލުން ޖައްސާލި ބޯޅައެއް، ސަމަވިލް ހޯދުމަށްފަހު ހުރަސްކޮށްލި ބޯޅަ ގޯލަށް ވައްދާލީ ކޯޑީ ގަކްޕޯއެވެ. މިއީ ގަކްޕޯ ވޯލްޑް ކަޕްގައި ޖެހި 6 ވަނަ ލަނޑެވެ. ނަމަވެސް، މެޗުގެ 91 ވަނަ މިނެޓުގައި މޮރޮކޯގެ އީސާ ދިއޮޕް ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި، ނެދަލޭންޑްސްގެ ކުއިންޓެން ޓިމްބާ އާއި ސަމަވިލްގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، މޮރޮކޯގެ ހަކީމީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މޮރޮކޯ މޮޅުވި ލަނޑު ޕެނަލްޓީން ކާމިޔާބުކޮށްދިނީ އިސްމާއިލް ސައިބާރީއެވެ.
މި މޮޅާއެކު މޮރޮކޯ އިން ވަނީ ގަދަ 16 ގެ ބުރުގައި ކެނެޑާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދާފައެވެ. މޮރޮކޯ އަކީ އެންމެ ފަހުން ބޭއްވި 2022 ގެ ވޯލްޑް ކަޕްގައިވެސް ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކުރި ޓީމެވެ. ނެދަލޭންޑްސް އިން މި މެޗަށް ފަސް ޑިފެންޑަރުންނާއެކު ނުކުތް ނަމަވެސް، އެ ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
ޕެނަލްޓީގައި ނެދަލޭންޑްސް ބަލިކޮށް، މޮރޮކޯ އިން ގަދަ 16 އަށް

