މާލޭ ގެއެއްގައި ރޯވި އަލިފާނުގެ ދުމުގެ އަސަރުކޮށް އެކަކަށް ފަރުވާ ދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، އާމިނާ ރަނި ހިނގުމުގައި ހުރި މއ. ސުއްކަތުރާ ގޭގައި މިއަދު ހެނދުނު 09:46 ހާއިރު ހިނގި މި ހާދިސާގައި، އަލިފާން ރޯވީ އެ ގޭގެ ބަދިގެއާއި ސިޓިން ރޫމް ހިމެނޭ ބައިގައި ހުރި ކަބަޑު ސެޓެއްގެ ތިރީ ބައިގައެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސްއިން، ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާފައެވެ. އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، ގޭގެ ތެރޭގައި ވަރަށް ބޮޑަށް ބޯ ދުން ހިފާފައި ހުރުމުގެ ސަބަބުން ސިފައިން މިހާރު ދަނީ އެ ދުންތައް ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށް ގޭގައި ދިރިއުޅެމުން ދިޔަ އެކަކަށް ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ. ސިފައިންނާއި ފުލުހުން އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

