އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވި މުހައްމަދު ޝަކީލު މެމްބަރުކަމަށް އައްޔަންކޮށް، އޭނާ އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވައިފިއެވެ.
ޝަކީލް އިލެކްޝަން ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމުގައި ހޯމަ ދުވަހު އިއްވަވާ، އޭނާގެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ.
މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނަށް ޝަކީލް އައްޔަންކުރަން އިންޓަވިއުކޮށްފައިވާތީ، އަދި އޭނާގެ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި މިދިޔަ ހަފުތާގައި އެ ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފައިވާތީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އިތުރު އިންޓަވިއުއެއް ކުރުމަކާ ނުލާ ޝަކީލަށް ރުހުންދޭން ކޮމިޓީއަށް ފެންނަ ކަމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.
ކޮމިޓީގެ އެ ނިންމުމާއެކު މިއަދުގެ ޖަލްސާގައި ވަނީ ޝަކީލް އިލެކްޝަން ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ފެނޭތޯ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ޝަކީލަށް ރުހުންދޭން ފެންނަ ކަމަށް 51 މެންބަރުން ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދީފައިވެއެވެ.
ގައުމީ ބޭންކު ބީއެމްއެލްގައި ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމް ފުރުއްވި ޝަކީލް، އެ ކޮމިޝަންގެ މެންބަރުކަމަށް ފުރަތަމަ އައްޔަންކުރީ ޑިސެންބަރު ތިނެއް، 2014ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މެއި ނުވައެއް، 2018ގައެވެ.
އޭގެ ފަހުން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވިއެވެ. އެންމެ ފަހުން ޝަކީލް ހުންނެވީ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އަދި އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމާ ހަމައަށް ވެރިކަންކުރާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުވެސް ފުރުއްވައިފައެވެ.

