ނިމިދިޔަ މޭ މަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވައިފިއެވެ. ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކަކީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ އެސް.އޭ.ޕީ ސިސްޓަމްގައިވާ ރެކޯޑުތަކަށް ބަލައިގެން އެކުލަވާލާފައިވާ މައުލޫމާތުތަކެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ޒަކާތުގެ ގޮތުގައި 7.59 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 2.7 މިލިޔަން ރުފިޔާ ވަނީ އެކި ބޭނުންތަކަށް ބަހާފައެވެ. ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް 1.48 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 1.45 މިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ބޭސްފަރުވާއަށެވެ. މީގެ އިތުރުން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވާ ފަރާތްތަކަށް 31,000 ރުފިޔާ ދޫކޮށްފައިވެއެވެ.
ފީސަބީލިﷲ މަޝްރޫއުތަކުގެ ދަށުން ތައުލީމީ، ދީނީ އަދި އިލްމީ މަސައްކަތްތަކަށް 1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ހިމެނެއެވެ. އަދި އިސްލާމީ ފޮތްތަކާއި ތައުލީމީ ތަކެތި ތަރުޖަމާކުރުމަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާގެ އިތުރުން، މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް އެހީތެރިވުމަށް 37,000 އަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު މިއަހަރު ޒަކާތް ބަލައިގަތް މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ އަހަރުގެ މޭ މަހު ލިބުނު 4.33 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު 7.59 މިލިޔަން ރުފިޔާއަކީ 75.3 އިންސައްތައިގެ އިތުރުވުމެކެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ ޒަކާތް ބަލައިގަންނަ މިންވަރު އިތުރުވުމަކީ ޒަކާތުގެ މުހިންމުކަމާއި، ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް އާންމުންގެ މެދުގައި އޮތް ހޭލުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. ޒަކާތު ފަންޑުގެ މައިގަނޑު މަގުސަދަކީ އިސްލާމީ އިލްމު ކުރިއެރުވުމާއި، ތައުލީމަށް އެހީތެރިވުމުގެ އިތުރުން ދީނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

