ކުރިއަށް އޮތް ސްކޫލް ބޮޑު ބަންދާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް ބޮޑުވާނެތީ، ގައުމީ އެއާލައިން މޯލްޑިވިއަނުން 2000 އަށްވުރެ ގިނަ ދަތުރު ކުރުމަށް ތައްޔާރުވެއްޖެއެވެ. މި ދަތުރުތަކަށް ބޭނުންވާ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.
މޯލްޑިވިއަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ އާންމުކޮށް ކުރާ ޝެޑިއުލް ދަތުރުތަކާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ. މި ބަންދު ތެރޭގައި ޖުމްލަ 110,000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. މީގެ ތެރެއިން 91,700 އަށްވުރެ ގިނަ ފަސިންޖަރުން ޝެޑިއުލް ފްލައިޓްތަކުގައި ދަތުރުކުރާއިރު، އިތުރުކުރި ފްލައިޓްތަކުގައި 18,200 އަށްވުރެ ގިނަ ފަސިންޖަރުން އުފުލުމަށް ވަނީ ރޭވިފައެވެ.
އެއާލައިނުން ފާހަގަކުރި ގޮތުގައި، ބަންދު ދުވަސްވަރު އޮޕަރޭޓްކުރާ ކޮންމެ ހަ ފްލައިޓަކުން އެއް ފްލައިޓަކީ ޑިމާންޑަށް ބަލައި އިތުރުކޮށްފައިވާ ދަތުރެކެވެ. މި ދަތުރުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ 18 މަންޒިލަކަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް
މި ބަންދުގައި މޯލްޑިވިއަނުން ދަތުރުތައް ބާއްވާ ރަށްތަކުގެ ތެރޭގައި މާލޭގެ އިތުރުން، ހަނިމަދޫ، ކުޅުދުއްފުށި، ފުނަދޫ، މާފަރު، ދަރަވަންދޫ، އިފުރު، މަޑިވަރު، އަދި ހޯރަފުށި ހިމެނެއެވެ. މީގެ އިތުރުން ދެކުނުގެ ރަށްތައް ކަމަށްވާ ކައްދޫ، މުލި، ތިމަރަފުށި، ކޫއްޑޫ، ކާނޑެއްދޫ، މާވަރުލު، ފަރެސްމާތޮޑާ، ފުވައްމުލައް އަދި ގަން ހިމެނެއެވެ.
މިދިޔަ އީދު ބަންދުގައިވެސް މޯލްޑިވިއަނުން ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 1,200 އަށްވުރެ ގިނަ ދަތުރުކޮށް، 65,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އެ އެއާލައިނުން ވަނީ ހިދުމަތް ދީފައެވެ. ކުރިއަށް އޮތް ސްކޫލް ބަންދަކީ އޭގެ ފަހުން އެންމެ ގިނަ ބަޔަކު ދަތުރު ކުރާނެ ދުވަސްވަރު ކަމަށް ބެލެވެއެވެ.

