އޫރީދޫ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރި ފަހުން، މިހާތަނަށް 3،280 ގިނަ ސްޓާޓްއަޕުން އެ ޚިދުމަތާ ގުޅިފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަކީ ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މި ޚިދުމަތް ދިނުމަށް ޕޭޕަލް އިން އޫރީދޫއާ ގުޅިގެން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕޭޕަލްގެ ޚިދުމަތާ ގުޅޭގޮތުން ފެތުރެމުންދާ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މި ޚިދުމަތް ނެތް ކަމަށް ދައްކަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ. "ތަންކޮޅެއް ހިޔާލު ތަފާތު ސިޔާސީ ފަރާތްތަކުން، ޕޭޕަލް ރާއްޖެއަށް އައިމަ "އުނހޫ ޕޭޕަލް ނުގެނެވޭ، އެހެން ވިދާޅުވަން އުޅޭހެން އަޅުގަނޑަށް ހީވަނީ. އެކަމަކު ޕޭޕަލް ރާއްޖޭގައި މިހާރު ހުރީ،" ސައީދު ވިދާޅުވިއެވެ.
ޚިދުމަތުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސްޓާޓްއަޕްތަކުގެ އިތުރުން އަލަށް 2،159 ވޮލެޓު އެކްޓިވޭޓުކޮށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މިއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް މިފަދަ ޚިދުމަތެއް ނުލިބޭނެ ކަމަށް ގިނަ ބަޔަކު ޝައްކުކުރި ނަމަވެސް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު މި ފެށުނު ޚިދުމަތަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕޭޕަލްގެ އިތުރު ފީޗާތަކާއި ޚިދުމަތްތައް ރާއްޖެއަށް ފުޅާވަމުންދާނެ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

