މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ނިމިދިޔަ ހަފުތާގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، ޖުމްލަ 40،958 ކޮންޓެއިނަރުގެ މުދާ ވަނީ ކާމިޔާބުކަމާއެކު ކްލިއާކޮށްފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. އެގޮތުން 7،474 ޕެކޭޖުގެ ބިސް ވަނީ ބާޒާރަށް ނެރުމަށްޓަކައި ކްލިއާކޮށްފައެވެ. މީގެ އިތުރުން އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި: 7،078 ޕެކޭޖުގެ ފިޔާ، 4،785 ޕެކޭޖުގެ ކަރާ، 2،099 ޕެކޭޖުގެ އަލުވި އަދި 1،372 ޕެކޭޖުގެ ދޮންކެޔޮ ހިމެނެއެވެ. އަދި ކެބެޖް، ޓޮމާޓޯ، އަލަނާސި، ބަރަބޯ އަދި ސްވީޓް މެލަން ފަދަ ބާވަތްތައްވެސް ވަނީ ކްލިއާކޮށްފައެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކްލިއާކުރި މުދަލުގެ ތެރޭގައި 39،721 ކޮންޓެއިނާ އުޅަނދާއި 1،138 ޖެނެރަލް ކާގޯ އުޅަނދު ހިމެނެއެވެ. ފާއިތުވި ހަފުތާގައި އެއް ކޮންޓެއިނަރު އުޅަނދު ބަނދަރަށް އައިސްފައިވާއިރު، ހަތަރު އުޅަނދެއް ވަނީ ފުރައިގެން ގޮސްފައެވެ. އަދި ޖެނެރަލް ކާގޯގެ ދެ އުޅަނދަކުން މުދާ ހުސްކޮށްފައިވާއިރު، ތިން އުޅަނދެއް ވަނީ ފުރާފައެވެ.
ކާބޯތަކެތީގެ ބާވަތްތައް، ހާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ މުދާ ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން، މުދާ ރައްކާތެރިކަމާއެކު ބެހެއްޓުމަށްޓަކައި 3،000 އަކަފޫޓުގެ ހިޔާކުރި ޝެޑެއްވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ.

