މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފައިނޭންޝަލް އެކްސްޕޯގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅިން އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމަށް ތައްޔާރުވެއްޖެއެވެ. އަންނަ މަހުގެ 2 އިން 4 އަށް ކުރިއަށްދާ މި އެކްސްޕޯގައި ބޭންކުގެ އެންމެ ފަހުގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހަރުގެ އެކްސްޕޯގައި ބީއެމްއެލް އިން ތައާރަފްކުރާ އެންމެ ފާހަގަކޮށްލެވޭ އެއް ހިދުމަތަކީ ކާޑުން ވިޔަފާރިކުރުމަށްފަހު، އެ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ ނިޒާމެކެވެ. މިއީ ކަސްޓަމަރުންނަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އާ އީޖާދީ ހިދުމަތެއް ކަމަށް ބޭންކުން މައުލޫމާތުދެއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި، އަލަށް ތައާރަފްކުރާ މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުން ބޮޑެތި ހަރަދުތައް ކުރާއިރު އެއްފަހަރާ ފައިސާ ދެއްކުމުގެ ބަދަލުގައި، ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. “މިއީ ބޭންކުގެ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ވިޔަފާރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައާރަފްކުރާ ހިދުމަތެއް” ކަމަށް ބޭންކުން ވިދާޅުވިއެވެ.
ރާއްޖޭގެ ބޭންކިން ދާއިރާއަށް މި ގެނެވޭ ބަދަލަކީ ކަސްޓަމަރުންގެ މާލީ މުއާމަލާތްތަކަށް އިތުރު ފަސޭހަކަމެއް ގެނުވާނެ ކަމެއް ކަމަށް ބޭންކުން އުންމީދު ކުރެއެވެ. އެމްއެމްއޭ ފައިނޭންޝަލް އެކްސްޕޯއަކީ މާލީ އިދާރާތަކުން އެ ފަރާތްތަކުގެ އާ ހިދުމަތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ.
މި އެކްސްޕޯގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭންކުގެ އެކި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދިނުމާއި، ކަސްޓަމަރުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖެހިފައެވެ.

