ތ. ގުރައިދޫގައި އެއާޕޯޓް އެޅުމަށްޓަކައި ބިން ހިއްކި ސަރަހައްދުގައި ހިލަ ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާކަން ހާމަކުރައްވައިފިއެވެ.
ސަރުކާރު ކުންފުންނި، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތ. ގުރައިދޫގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަދާހަމައާ އެކު އެ ކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެ މަޝްރޫއުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ ހިލަ ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 378,350 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 979 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރެވެޓްމެންޓް ޖެހުން ހިމެނެއެވެ.
އެމްޓީސީސީން އިތުރަށް ވިދާޅުވީ، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަށްފަހު މުސްތަގުބަލުގައި ގުރައިދޫގައި އެއާޕޯޓެއް ގާއިމުވެގެން ދިއުމަކީ މުޅި ތ. އަތޮޅަށް ވެސް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ގުނަ ފައިދާތަކަކާއި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
300 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތަކީ، ޖުމްލަ 106 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ގުރައިދޫއަކީ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް ހަރަކާތްތެރި ރަށަކަށްވާއިރު، މި އެއާޕޯޓު ނިމުމުން، ސަރަހައްދުގެ ފަތުރުވެރިކަން އިތުރަށް ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

