ދިވެހި ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އިޢުލާން ކުރައްވައިފިއެވެ. މިއީ 2019 ވަނަ އަހަރަށްފަހު ރާއްޖޭގައި ފިލްމު އެވޯޑެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ރިޔާޟް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެވޯޑު ބޭއްވުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޖަޖިންގ ޕެނަލް އެކުލަވާލުމާއި، އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ތައްޔާރީތައް ހިމެނެއެވެ. "އަޅުގަނޑުމެންނަށް ލަފާކުރެވެނީ ސެޕްޓެމްބަރު މަހު ހިސާބުގައި ފިލްމު ފެއަރ އެވޯޑު ބޭއްވޭނެ ކަމަށް،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ހީނާ ވަލީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ފިލްމީ އިންޑަސްޓްރީއަކީ ވަރަށް ތަޖުރިބާކާރު އަދި ފުންނާބު އުސް ފަންނާނުންތަކެއް ހަރަކާތްތެރިވާ ދާއިރާއެކެވެ. އެހެންކަމުން، މި ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހައްގުވާ އެކްނޮލެޖްމެންޓެއް ނުވަތަ އިނާމެއް ދިނުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެވޯޑުގެ އިތުރުން، މުނިފޫހިފިލުވުމުގެ ދާއިރާ ފުޅާކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ސިނަމާ ކޮމްޕްލެކްސްތައް ބިނާކުރުމުގެ މަޝްރޫއުތަކެއްވެސް ދަނީ ހިންގަމުންނެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި ސިނަމާއެއް އެޅުމުގެ ކަރުދާހުގެ މަސައްކަތް ނިމި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، އައްޑޫ ސިޓީގައިވެސް މިފަދަ މަސައްކަތްތަކެއް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
1957 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މުނިފޫހިފިލުވުމުގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އޮލިމްޕަސް ސިނަމާ ވަނީ 2023 ވަނަ އަހަރު ޒަމާނީ ބަދަލުތަކާއެކު އަލުން ހުޅުވާފައެވެ. އޮލިމްޕަހަކީ ރާއްޖޭގައި އެންމެ ގިނަ މީހުންނަށް އެއްފަހަރާ ވަދެވޭ ސިނަމާ ކަމުގައި ވީނަމަވެސް، އެތަނުގައި އެއް ވަގުތެއްގައި ދެއްކެނީ އެންމެ ފިލްމެކެވެ. ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގައި ސިނަމާތައް ތަރައްޤީކޮށް، މި ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ.

