އެމްއެމް ޓީވީ އުފެއްދުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެއްވެސް މާލީ ހަރަދެއް ކޮށްފައިނުވާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ހީނާ ވިދާޅުވީ، އެމްއެމްޓީވީ ހެދުމަށް އެންސްޕާގެ ބަޖެޓުން އެއްވެސް މިންވަރެއް ހަރަދުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މި މައްސަލަ ހިނގާފައިވާ ގޮތް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގު ރިޕޯޓުން ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. “އަދި އެކަމާ ގުޅޭގޮތުން އިއްޒަތްތެރި މެމްބަރުންނަށް އެ މައްސަލަ ހިނގާފައިވާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންވެސް އަދި އޭސީސީން ތަހުގީގުކޮށް ނިންމާފައި އޮތް ރިޕޯޓުންވެސް،” ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ފެންމަތިކުރި ތުހުމަތުތަކަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. އެގޮތުން އެންސްޕާ ހިންގުމަށްޓަކައި ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީގެ، މއ. ސީރާޒީގެއިން ދެ ފަންގިފިލާ ކުއްޔަށް ހިފުމަކީ އެމްއެމްޓީވީ ހެދުމާ ގުޅުންހުރި ކަމެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރިއެވެ. ނަމަވެސް އެންސްޕާއިން އޭރުވެސް ވަނީ އެ ވާހަކަތައް ދޮގުކޮށް، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އެންސްޕާއިން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބަލައިދިނުމަށް އޭސީސީގައި އެދިފައިވެއެވެ. އެ އެޖެންސީން ބުނެފައިވަނީ އިމާރާތެއް ކުއްޔަށް ހިފުމުގެ މުއާމަލާތަކީ މާލީ ވުޒާރާއާ އެކު ކަނޑައެޅިފައިވާ ރަސްމީ އުސޫލުތަކުގެ ތެރެއިން ހިންގާފައިވާ ކަމެއް ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ނުވަތަ އެޖެންސީގެ މުދަލެއް ޓީވީ ޗެނަލެއް ހިންގުމަށް ބޭނުންކޮށްފައި ނުވާނެ ކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.
މި މައްސަލަ ނިންމައި އޮޑިޓަރ ޖެނެރަލްގެ އޮފީހުންނާއި އޭސީސީން ނެރުނު ރިޕޯޓުތަކުގައިވެސް ކަށަވަރުކޮށްދީފައިވަނީ، އެމްއެމްޓީވީ އުފެއްދުމަށް ނުވަތަ ހިންގުމަށް އެންސްޕާގެ އެއްވެސް ފައިސާއެއް ހަރަދުކޮށްފައި ނުވާ ކަމަށެވެ.

