މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް މި ހިނގާ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކާއި ކޮންސިއުމަރ ޑިމާންޑް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މިހާރު ހުރި ބަނދަރުގެ ވަޞީލަތްތައް ތަރައްޤީކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައި ނުވާ ކަމަށެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވެފައި، އާބާދީއާއި ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، ބަނދަރުގެ ޚިދުމަތްތައް އަދިވެސް ހުރީ މީގެ 40 އަހަރު ކުރީގެ ފެންވަރުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، ރާއްޖެއަށް އަހަރަކު 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫޢުތަކާއެކު މުދަލަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
“ސަރުކާރުން ހިންގާ ޕްރައިވެޓް މަޝްރޫޢުތަކާއި ޕްރައިވެޓް ވިޔަފާރިތަކުން ކުރާ އެކި ކަހަލަ މަޝްރޫޢުތަކާއެކު 2.4 މިލިއަން މީހުންނަށް އިންނަ ޑިމާންޑް ވަރަށް ބޮޑުތަން އުފުލިއްޖެ މީގެ 40 އަހަރާއި އަޅާބަލާއިރު. އެކަމަކު އަދިވެސް މި އިންނަނީ މީގެ 40 އަހަރު ކުރިން ހެދި ޕޯޓު،” ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މާލޭ ކޮމާޝަލް ޕޯޓު އެއްކޮށް ތިލަފުއްޓަށް ބަދަލުކޮށް ނިންމުމެވެ. މި މަޝްރޫޢުގެ ރަސްމީ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޖުލައި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ހަމައެކަނި ރޭވުމެއް ނޫން ކަމަށާއި، މިހާރުވެސް އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާރުވެސް ތިލަފުށީގައި ހުސް ކޮންޓެއިނަރު ބަހައްޓާނެ ޚާއްޞަ ސަރަޙައްދެއް ތަރައްޤީކޮށް ބޭނުންކުރަން ފަށާފައިވާކަން ސަރުކާރުން ހާމަކުރެއެވެ. މިއީ މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމާ އެކުއެކީގައި، ކަނޑުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އިޤްތިޞާދީ ވަޒީރު ފާހަގަކުރެއްވިއެވެ.

