މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑް މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް، ދ. ކުޑަހުވަދޫ ޝަބްނަމީގެ، އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް މިއަދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ފިރުޒުލް އެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ 1 ޖުލައި 2024 އިން ފެށިގެންނެވެ. ފިރުޒުލް މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގައެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ފިރުޒުލްއަކީ މިޞްރުގެ އަލް-އަޒްހަރު ޔުނިވާސިޓީއިން ޝަރީޢާ އެންޑް ލޯ ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2023 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޓްރާންސިޝަން ކޮމިޓީގެ ތަރުޖަމާނުކަން ވެސް ވަރަށް ފާހަގަކޮށްލެވޭ ގޮތެއްގައި ކުރައްވައިފައެވެ.
ސަރުކާރު ބަދަލުވުމަށްފަހު ފިރުޒުލް ފުރަތަމަ އަދާކުރެއްވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީގެ މަޤާމެވެ. އޭގެ ފަހުން އޭނާ ވަނީ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމަށް ބަދަލުވެވަޑައިގެންފައެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ޢައްޔަންވެވަޑައިގެންނެވުމާ ގުޅިގެން މަޤާމުން އިސްތިޢުފާ ދެއްވުމުންނެވެ.

