ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހިދުމަތްތައް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އެ އެޖެންސީގެ ކޯލް ސެންޓަރު އައްޑޫ ސިޓީގައި ހުންނަ އެންސްޕާގެ އޮފީހުގައި ގާއިމްކޮށް، ހިދުމަތް ދޭން ފަށައިފިއެވެ. މިއަދުން ފެށިގެން މި ހިދުމަތް އައްޑޫ އޮފީހުން ދޭން ފަށާފައިވާއިރު، މިއީ އެންސްޕާގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
ސިއްހީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އައްޑޫގައި ކޯލް ސެންޓަރު ގާއިމްކުރުމާއެކު، އެންސްޕާގެ ހޮޓްލައިން މެދުވެރިކޮށް ހިދުމަތް ދޭ ވަގުތުތަކަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. މި ބަދަލާއެކު ރައްޔިތުންނަށް މައުލޫމާތު ހޯދުމުގައި ކުރިއަށްވުރެ ގިނަ ވަގުތު ލިބިގެންދާނެއެވެ.
މީގެ ކުރިން އެންސްޕާގެ ކޯލް ސެންޓަރުގެ ހިދުމަތް ލިބެމުންދިޔައީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު (އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް) ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ. ނަމަވެސް މިއަދުން ފެށިގެން ގެނެވުނު ބަދަލާއެކު، ހަފްތާގެ ހަ ދުވަހު (ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް) ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ހިދުމަތް ލިބޭނެ ކަމަށް އެންސްޕާއިން މައުލޫމާތު ދެއެވެ.
މި ބަދަލަކީ އެންސްޕާގެ އެހީތަކަށް އެދި ހުށަހަޅާ ފަރާތްތަކަށާއި، ހިދުމަތް ހޯދާ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު މައުލޫމާތު ސާފުކުރުމަށާއި، އެހީތަކުގެ އެންމެ ފަހުގެ އަދާހަމަ ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ގެނެވުނު ބަދަލެއް ކަމަށް ސިއްހީ ވުޒާރާއިން ފާހަގަކުރައްވައެވެ. މީގެ ސަބަބުން ރަސްމީ ގަޑީގެ ބޭރުން ވެސް ރައްޔިތުންނަށް އެޖެންސީގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

