ރާއްޖެއަށް ބޭސް އެތެރެކުރުމާއި ބޭހުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ) އިން، އެސްޓީއޯގެ ދަށުން ހިންގަމުން އައި ހުރިހާ ބޭސްފިހާރަތަކެއްގެ ހިންގުމާ ރަސްމީކޮށް ހަވާލުވެ ޚިދުމަތް ދޭން ފަށައިފިއެވެ. މި ބަދަލާއެކު އެސްޓީއޯގެ ދަށުގައި ހުރި 193 ފާމަސީއެއް މިހާރު ވަނީ ސްޓޭޓްފާމާގެ ދަށަށް ބަދަލުކުރެވިފައެވެ.
ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ގުނާ ނިންމާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި ބޭހުގެ ސްޓޮކް ބެލެހެއްޓުމަށް ބޭނުންވާ ސިސްޓަމްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި ލައިވްކޮށް ސްޓޮކް އިނގޭނެ. ހުރިހާ ފާމަސީގެ ސިސްޓަމްއާއި ހުރިހާ ރަޖިސްޓްރީތައް ސްޓޭޓް ފާމަ ދަށަށް ބަދަލުވާނެ،" ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، އެސްޓީއޯއިން ކުރިން އޯޑަރުކޮށްފައިވާ ބޭސްތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ރާއްޖެއިން މިހާރު ލިބުމަށް ދަތި ބޭސްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ބޭހުގެ ބޭނުންތައް ދެނެގަނެ ދުރާލާ ބޭސް ހޯދުމުގެ ނިޒާމެއް ގާއިމުކުރާނެ ކަމަށްވެސް ޝާހް މާހިރު ވިދާޅުވިއެވެ.
ބޭހުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހް މާހިރު ފާހަގަކުރެއްވީ، ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރަޖިސްޓްރީކޮށްފައިވަނީ އެންމެ 25 އިންސައްތަ ބޭސް ކަމަށެވެ. އެހެންކަމުން، މުޅި ނިޒާމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އަމިއްލަ ފަރާތްތަކާ ގުޅިގެން ބޭހުގެ އަގުތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1050 ގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. ސްޓޭޓްފާމާގެ އަމާޒަކީ އާސަންދައިގެ ދަށުން ލިބޭ ބޭހާއި، އެ ނޫންވެސް ބޭސްތައް އިޖްތިމާޢީ އެހީގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

