މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާއިރު، މަގުގެ ފުޅާކުރި ބައިގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަސައްކަތަށް ބޭނުންވާ މެޝިނަރީޒް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.
މަޝްރޫއުގެ ތާވަލާ އެއްގޮތަށް، ސެގްމަންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނި ގޮތުގައި، އަންނަ ހަފުތާގެ ތެރޭގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށައި، އޭގެ ފަހުން މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ބާކީ ހުރި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް އަންނަ ހަފުތާގެ ކުރީކޮޅު އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ދުވާރު ހެދުމާއި، ޕާކިން ޒޯންތަކުގެ ކާބްސްޓޯން ޖެހުމުގެ މަސައްކަތް ވެސް މިހާރު ދަނީ ރޭވުމާ އެއްގޮތަށް ކުރިއަށެވެ. އަދި ކީވޯލް ކެޕިން ކޮންކްރީޓްގެ އެންމެ ފަހުގެ މަރުހަލާ އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ މުޅި މަޝްރޫއު ނިންމުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
މިދިޔަ އޮގަސްޓް 21 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއް ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައި، ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމުކުރުމުގެ އިތުރުން ރޯޑް މާކިން އާއި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ކުރީގެ މަރުހަލާތަކަށް ބަލާއިރު، އެމްއެމްއޭ ސަރަހައްދާ ރަސްމީ ފާލަމާ ދެމެދު ހިއްކައިގެން މަގު ފުޅާކުރުމުގެ މަސައްކަތް ނިންމައި މިދިޔަ ޑިސެމްބަރު މަހު ވަނީ ހުޅުވާފައެވެ. އަދި ދެވަނަ ސެގްމަންޓް ކަމަށްވާ އެމްއެމްއޭ އިން ފެށިގެން އަތޮޅު ފިހާރަތަކާ ހަމައަށް ތާރުއަޅައި ނިންމައި، އެ ސަރަހައްދު އާންމުންނަށް ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

