މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ތިލަފުށީގައި ފުލް ސްކޭލް އިމަރޖެންސީ އެކްސަސައިޒެއް ފަށައިފިއެވެ. މި ތަމްރީނު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 13:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް އެ ކުންފުނީގެ ތިލަފުށީ ސައިޓުގައެވެ.
މި ހަރަކާތުގެ ތެރެއިން ތިލަފުށީ އެމްޓީސީސީ ސައިޓުން އަލިފާނުގެ އަސަރާއި ދުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން، އެ ސަރަހައްދުން ދުން ނުވަތަ އަލިފާން ފެނިގެން އެއްވެސް ފަރާތަކުން ކަންބޮޑުނުވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ހަމައެކަނި ތަމްރީނުގެ ބޭނުމަށް ހިންގޭ ހަރަކާތްތަކެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި އެކްސަސައިޒަކީ ކުއްލި ހާލަތްތަކުގައި ކުންފުނީގެ ރެސްޕޮންސް ޓީމުތަކުގެ ގާބިލުކަން ދެނެގަތުމަށް ބާއްވާ ހަރަކާތެކެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެންނެވެ. ތަމްރީނުތައް ކުރިއަށްދާ ވަގުތު ކަމާގުޅޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަކީ މުހިންމު ކަމެއް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މި ވަގުތުތަކުގައި އިމަރޖެންސީ ރެސްޕޮންސް ޓީމުތަކާއި ކަމާގުޅޭ އެހެނިހެން އިދާރާތައް އެ ސަރަހައްދުގައި ތައްޔާރީ ހާލަތުގައި ހަރަކާތްތެރިވާނެއެވެ. މި ހަރަކާތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި އެކްސަސައިޒް ނިމުމުން އެކަން އާންމުކޮށް އަންގާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ހަރަކާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

