ހުޅުމާލެ 110 ވަނަ ފުލެޓުގައި ރޯވެ 2 މީހަކަށް މިހާރުވެސް ފަރުވާދެމުންދާކަން ހާމަކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރައްވާފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެންމެ ތިރީގައި ހުރި އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް "ޓޫލް މެލްޓިންގ ޑިވައިސް" އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
މި ހާދިސާ ހިނގިއިރު އެ އެޕާޓްމަންޓުގައި ދިރިއުޅެމުންދިޔައީ 18 އަހަރުން ދަށުގެ 2 ކުޑަކުދިންނާއި (1އ އަދި 1ފ)، 18 އަހަރުން މަތީގެ 1 އަންހެނެއްގެ އިތުރުން 18 އަހަރުން މަތީގެ 4 ފިރިހެނުންނާ އެކު ޖުމްލަ 7 މީހުންނެވެ.
އެންޑީއެމްއޭ އިން މައުލޫމާތުދިން ގޮތުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކެއްގެ އަތާއި ފައިގެ %12 ވަނީ ފިހިފައެވެ. މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރިނޫޅެވޭ ވަރަށް ތަން ވަނީ ހަލާކުވެފައިވާ ކަމުން މިހާރު ދަނީ އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުން ކާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ރޯވި އަލިފާންގަނޑު ވަނީ ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް 5 މީހަކު ގެންދިޔައިރު އެ މީހުންގެ ތެރެއިން ދެ މީހަކަށް މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަތް ފިހިގެން ފަރުވާ ހޯދަމުންދާ ފިރިހެނަކާއި، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި ފިރިހެނެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

