ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ބޭރު ފައިސާއިން މުއާމަލާތް ކުރެވޭއިތުރުކުރުމުން ކަސްޓަމަރުންނަށް އޮތް ޑެއިލީ ލިމިޓު މިހާރުވަނީ ފުޅާކުރެވިފައި ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިންގ އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު، ދައުލަތުގެ މީޑީޔާގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ކުރިން ކަނޑައަޅާފައިވާ ލިމިޓަކީ ގިނަ ބައެއްގެ ޝަކުވާ އަމާޒުވެފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، ޑޮލަރުން އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައިވެސް، ކުރިން ހުރި ލިމިޓަށްވުރެ ގިނަ ބަޔަކަށް ޚިދުމަތް ލިބިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ކަސްޓަމަރުންނަށް އޮތް ޑެއިލީ ލިމިޓު މިހާރުވަނީ ފުޅާކުރެވިފައިވާ ކަމަށާ ބުދަ ދުވަހު އެ ބޭންކަށްވެސް އަދި ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން އެކަން ފާހަގަކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެންމެ ގިނަ ފަރާތްތަކުން ބޭނުންކުރާ ޓީމޫ، ޝެއިން، އަލީ އެކްސްޕްރެސްގެ ޕޭމަންޓްސްތައް ތްރޫވި ކަމަށާ އެހެން ނޫންނަމަ އެއީ ކޮންމެ ދުވަހަކު ވަރަށް އަވަހަށް ހުސްވާ ލިމިޓުތަކެއްކަން ވެސް ސަޢީދު ފާހަގަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ، މިފުރުސަތުގައި 3 ފަރާތަކަށް ފައިދާވާކަމަށެވެ. އޭގެތެރޭގައި ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކާއި، ބޭންކާއި، ކާޑު މެދުވެރިކޮށް އޮންލައިން މުޢާމަލާތްތައް ކުރާ ފަރާތްތަކަށްވެސް ލިމިޓު އިތުރުވުމުގެ ފައިދާ ލިބިގެންދާކަން ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން އާންމުންގެ އެކި މުޢާމަލާތްތަކަށް ދޫކުރާ ޑޮލަރުގެ ލިމިޓަކީ އާންމުންގެ ކަންބޮޑުވުމާއި ގުޅިފައިވާކަމެކެވެ. އެހެންނަމަވެސް ޑޮލަރު ދޫކުރުމަށް ބީއެމްއެލްއަށްވެސް ޑޮލަރު ވަންނާނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ. މިކަމަށް މަގުފަހިކުރުމަށް އެބޭންކުންވަނީ އާންމުންނަށް ބޭންކުގައި ޑޮލަރުން އިންވެސްޓްކުރެވޭނެ ފުރުސަތު ހުޅުވާލާފައެވެ. މީގެދަށުން 3 އޮޕްޝަނެއް މިހާރު ހުރި އިރު މިއީ އެކި މިންވަރަށް ނަފާ ލިބޭ އޮޕްޝަންތަކެކެވެ. އެއީ ގޯލްޑް، ސިލްވަރ އަދި ބްރޯންޒެވެ. އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިވެގެންދާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ދިވެހިން އާންމުކޮށް ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކާޑުން މަހަކު ހެދޭ މުއާމަލާތްތައް ލިމިޓްކުރަން ބީއެމްއެލް އިން ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގައެވެ. އެ ބަދަލާއެކު 6 އޮންލައިން ޕްލެޓްފޯމެއްގައި މަހަކު 30 މުއާމަލާތަށްވުރެ ގިނައިން ނުކުރެވޭ ގޮތަށް އޮތް އޮތުމަށް މިހާރު މިވަނީ ލުޔެއް ލިބެން ފަށާފައެވެ. ބޭންކުން ބުނީ ޑޮލަރު ދޫކުރުމަށްޓަކައި ބޭންކަށް ޑޮލަރު ވަންނާނެ މަގުތައް ހޯދަންޖެހޭ ކަމަށާއި، މި އިންވެސްޓްމަންޓަކީ އެކަމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

