އއ. ފެރިދޫގައި މޯލްޑީވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރާ ބަނދަރު ހެދުމުގެ މަޗްރޫއުގެ އަދާހަމަ އެ ކުންފުނިން ހިއްސާކުރައްވައިފިއެވެ.
އެމްޓީސީސީއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، ފެރިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ބަނދަރުގައި ދޯނި ބަނުމަށް ބޭނުންކުރާ ބޮލާޑް ޖެހުމުގެ މަސައްކަތަށް އެ ސަރަހައްދު މިހާރު ކޮންނަމުންދާ ކަމަށް އެ ކުންފުނިން ހާމަކުރައްވާފައިވެއެވެ.
47.04 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، 23،579 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 7،848 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އޭގެ އިތުރުން، 4،268 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 47 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 213 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ހަމަ އެހެންމެ، 403 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަމަށް ވަނީ އެ ކުންފުނިން މަޢުލޫމާތުދީފައެވެ. ހަމަ އެއާއެކު، 80 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2،481 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވެއެވެ.

