ހުވަދު އަތޮޅު ދެކުނުބުރީގައި އޮންނަ ކާޑެއްދޫ އެއާޕޯޓް ރާއްޖޭގެ ސިވިލް އޭވިއޭޝަން މިންގަނޑަށް ކާޑެއްދޫއެއަރޕޯޓް މިހާރު ނުފެތޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ އިއްޒަތްތެރި މެމްބަރ ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
މެމްބަރ ފިރުޝާން މިފަދައިން ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓަށް މިއަދު 28 އަހަރު ފުރުމާއި ގުޅިގެން ހުވަދޫ ނިއުސް އިން އާންމު ކުރި " ކާޑެއްދޫ އެއަރޕޯޓަށް 28 އަހަރު – ޙާލަތު ހަމަ ސުމެއް! " ރިޕޯޓު ޓްވިޓާގައި ހިއްސާ ކުރައްވަމުންނެވެ.
އެގޮތުން މެމްބަރ ފިރުޝާން ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓުގެ މައްސަލާގައި ސަރުކާރުގެ ވިސްނުމެއް ސާފެއް ނުވާކަމަށާއި، ސުޕްރީމްކޯޓުން ވިލާއަށް ހަވާލުކުރުމަށް ހުކުމްކޮށްފަ އޮންނަތާ ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން މިންގަނޑަށް ކާޑެއްދޫއެއަރޕޯޓް މިހާރު ނުފެތޭކަމަށްވެސް މެމްބަރ ފިރުޝާން ވަނީ ވިދާޅުވެފައެވެ.
2020 ވަނަ އަހަރުގެ ޖުލައި މަހުގައި މެމްބަރ ފިރުޝާން ވަނީ ކާޑެއްދޫ އެއާޕޯޓާއި ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ އެހެން އެއާޕޯޓުތަކާ ތަފާތުކުރާ ކަމަށް ބުނާ ޝަކުވާތަކެއްވެސް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ހުށަހަޅައިފައެވެ. އަދި މީގެ އިތުރުން މެމްބަރު ފިރުޝާން ދަނީ ކާޑެއްދޫ އެއާޕޯޓަށް އަވަސް ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މެމްބަރު ފިރުޝާން ހިމެނޭހެން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާ އެކު ރައީސް ސޯލިހު އާއި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ 20 ވަނަ ދުވަހުގައި ބައްދަލު ކުރައްވާފައެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ވިދާޅުވެފައެވެ.