ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026” ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގައި ހިމެނޭ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުން ފޯރުކޮށްދޭ މާލީ ޚިދުމަތްތަކާއި ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލީ ވަޒީރު ޙަސަން ޒަރީރާއި، ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވައްރު ބައިވެރިވެވަޑައިގެންނެވިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯއަކީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި އަލަށް ތައާރަފުކުރާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.
އެމްއެމްއޭއިން ވިދާޅުވި ގޮތުގައި މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަށް އެދުމާއި، އިންޝުއަރެންސް އަދި މުސްތަގުބަލަށް މާލީ ކަންކަން ރޭވުމާ ގުޅޭގޮތުން އަމަލީ އިރުޝާދު ލިބޭނެއެވެ. މީގެ އިތުރުން، ވަކިވަކި ބޭންކުތަކަށް ދިއުމުގެ ބަދަލުގައި ގިނަ އަދަދެއްގެ މާލީ އުފެއްދުންތައް އަޅާކިޔާލުމުގެ ފުރުޞަތު އާންމުންނަށް މިތަނުން ލިބިގެންދާނެއެވެ.
މި އެކްސްޕޯގައި ވިޔަފާރި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސިންގް އިދާރާތަކުގެ އިތުރުން ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރިވެއެވެ. މިއީ ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކާ މެދު ސީދާ މަޝްވަރާކޮށް، ރަސްމީ މާލީ ނިޒާމުގެ ތެރެއިން ހުރި ފުރުޞަތުތައް ދެނެގަތުމަށް ލިބޭ މުހިންމު ފުރުޞަތެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް އާންމުންނަށް ހިލޭ ވަދެވޭ ގޮތަށް ހުޅުވާލާފައިވާ މި އެކްސްޕޯގައި އާއިލާތަކާއި ކުޑަކުދިންނަށް ޚާއްޞަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ ޚާއްޞަ ޕެނަލް ޑިސްކަޝަންތައް ޖުލައި 2 އަދި 4 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

